ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" ފަށައިފިއެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާގައި 300 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ބައިވެރިވެއެވެ.
މިއީ މުސްތަޤުބަލުގެ ޖީލުތަކަށް އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމަށާއި، ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކޮށް ރާއްޖޭގެ އިސްލާމީ މުސްތަޤުބަލު ޙިމާޔަތްކުރުމުގެ މަޤްޞަދުގައި ބާއްވާ މަހާސިންތާއެކެވެ.
މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ދީފައިވަނީ ޒުވާން ޚަޠީބުންގެ ތަމްރީން ނިންމައި ސެޓްފިކެޓް ޙާސިލްކޮށްފައިވާ ޚަޠީބުންނާއި، ރަމަޟާން މަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން އިމާމުންނާއި ޚަޠީބުންގެ ތެރެއިން މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ އުމުރުން 30 އަހަރު ނުފުރޭ ޒުވާނުންނަށްވެސް މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.
ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ ޕްރޮގްރާމެކެވެ. ގްރޭޑް 10، 11 އަދި 12 ގެ ދަރިވަރުންނާއި 18 އަހަރު ނުފުރޭ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ 5 ބުރެއްގެ ތެރެއިން މިހާތަނަށް 700 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ވަނީ ތަމްރީނުކޮށްފައެވެ.





