ދުންފަތަށް އާންމުން ހޭލުންތެރިކުރުވުމަށާއި ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މާލީ އެހީއަށް އެދި ކޮންސެޕްޓް ނޯޓު ހުށަހެޅުމުގެ މުއްދަތު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިތުރުކޮށްފިއެވެ.
މާލީ އެހީ ދިނުމަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކޮންމެ އަހަރަކު ޖުމްލަ 3 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެޗްޕީއޭއިން މާލީ އެހީ ދޫކުރުމަށް ނިންމާފައިވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ ވަކި މުޖުތަމައަކަށް ނުވަތަ ރަށަކަށް އަމާޒުކުރާ ހަރަކާތްތަކަށް 75,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކާއި، މުޅި ރާއްޖެއަށް ފައިދާކުރާނެ ހަރަކާތްތަކަށް 100,000 ރުފިޔާއާއި 300,000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. މީގެ އިތުރުން އެކަކަށް ވުރެ ގިނަ ސަރަހައްދުތަކުގައި އަމަލީ މަސައްކަތްކުރާ ހަރަކާތްތަކަށް 300,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އެހީ ދޫކުރެވޭނީ ދުންފަތުން ރައްކާތެރިވުމަށް އާންމުންނާއި ޒުވާނުން ހޭލުންތެރިކުރުވުމަށާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވުމަށާއި، ދުންފަތުގެ ދުން ނެތް މާހައުލެއް ބިނާކުރުމަށް ވަކާލާތުކުރުން ފަދަ ދާއިރާތަކަށެވެ. ހުށަހަޅާ ހުށަހެޅުންތަކުގައި އިދާރީ ހަރަދުގެ ގޮތުގައި ކަނޑައެޅޭނީ އެންމެ މަތީވެސް 20 ޕަސެންޓެވެ. އަދި އެހީ ލިބޭނީ ވަޒަންކުރުމުގެ މަރުހަލާތަކުން 70 އަށް ވުރެ މަދުނޫން މާކްސް ހޯދާ ހުށަހެޅުންތަކަށެވެ.





