ރާއްޖޭގެ އިސްލާމީ ދާއިރާގެ ކުރިއެރުންތައް ވަޒީރު ތަފުސީލުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިސްލާމީ ދާއިރާއިން ކުރެވެމުންދާ ގިނަގުނަ މަސައްކަތްތަކުގެ ތަފުސީލުތައް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަރަށް ތަފުސީލުކޮށް ވިދާޅުވެދެއްވައިފިއެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި، އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފާއިތުވި ދެ އަހަރު ދީނީ ދާއިރާއިން ހޯއްދަވާފައިވާ ބޮޑެތި ކުރިއެރުންތަކާއި ތަފުސީލުތައް ވަރަށް ފުޅުދާއިރާއެއްގައި ހާމަކުރައްވާފއެވެ.

ވަޒީރު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒު އެކުވެރިކުރެއްވި މެނިފެސްޓޯގައި ރާއްޖޭގެ އިސްލާމްވަންތަކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް އިސްކަންދެއްވާފައިވާ މިންވަރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ފެނިގެންދިޔަ އަމަލީ މަސައްކަތްތަކުން ހާމަވެގެންދާ ކަމަށެވެ.

އެގޮތުން، ކުރިން ވަކި ޤާނޫނެއް އަދި ޚާއްސަ އިދާރާއެއް ނެތް ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް މިއަދު ޚާއްސަ ޤާނޫނެއް ވުޖޫދުކުރެވި، ވަކި އިދާރާއެއް އުފެއްދިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ބަދަލުގެ ސަބަބުން ޒަކާތުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެ، އެއް އަހަރުން އަހަރަށް ޒަކާތުގެ މުދާ އިތުރުވަމުންދާކަމާއި، ހަ އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ޒަކާތުގެ ސްކޮލާޝިޕް ދޭން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ހައްޖުގެ ނިޒާމަށް ގެނެވުނު ލުއިފަސޭހަތަކާއި، ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބޮޑެތި ވަގުފު މަޝްރޫޢުތައް މިހާރު ފެށިގެން ކުރިއަށްދާކަން ވަޒީރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޤުރުއާނުގެ ޢިލްމު ފެތުރުމަށް "ނޫރް ބިލްޑިންގް" ގެ ނަމުގައި 15 ބުރީގެ ވަގުފު އިމާރާތެއް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށެވެ. އަދި ހާފިޒުންގެ އެލަވެންސް ބޮޑުކުރެވި، ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ހާފިޒުން އުފައްދަމުންދާ ދައުރަކަށް މި ދައުރު ވެގެންދާއިރު، ރާއްޖޭގެ ހާފިޒުންގެ ޢަދަދު 500 އަށް އިތުރުކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، 68 މިސްކިތެއްގައި ދާއިމީ އިމާމުން ނެތް މައްސަލައަށް ހައްލު ހޯދުމަށް ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނުކުރުމުގެ މަސައްކަތްތައް ފުޅާދާއިރާއެއްގައި ކުރެވެމުންދާކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާނާބެހޭ މަރުކަޒުތައް ޤާއިމުކުރުމުގެ މަޝްރޫޢުތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް