"ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވާން އިތުރު 6 ދާއިރާއަކަށް ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ހިޔާލުތަކާއި އެދުންތައް ސީދާ އެމަނިކުފާނާ ހިއްސާކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގެ އައު ބުރެއްގައި ބައިވެރިވުމުގެ ފުރުސަތު ހަ ދާއިރާއަކަށް ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ރާއްޖޭގެ އިންތިހާބީ 93 ދާއިރާ ހިމެނޭއިރު، މިފަހަރުގެ ބައްދަލުވުމަށް ފުރުސަތު ލިބިގެންދަނީ ބާރަށު ދާއިރާ، ކާށިދޫ ދާއިރާ، މަތިވެރި ދާއިރާ، ވިލިނގިލި ދާއިރާ، ހުޅުމާލެ ދެކުނު ދާއިރާ އަދި ގަލޮޅު އުތުރު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ. މި ސިލްސިލާ ޕްރޮގްރާމަކީ ރައްޔިތުންނާއި ސަރުކާރާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ރަށްރަށާއި އަވަށްތަކުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ފަރުދީ އަދި އިޖްތިމާއީ ޝަކުވާތައް ސީދާ ރައީސާ ހަމައަށް ގެންގޮސްދިނުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ފަށާފައިވާ މުހިންމު މަޝްރޫޢެކެވެ.

މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އޮންލައިންކޮށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ރައީސް އޮފީހުގެ ހާއްސަ ޕޯޓަލް (https://rayyithungeadu.presidency.gov.mv/) މެދުވެރިކޮށް ނަން ނޯޓުކުރުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 12:00 އެވެ. ރައީސް އޮފީހުން އިރުޝާދުދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލާއި އެންމެ ފަހުގެ ތަފްސީލުތައް އެ އޮފީހުގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް