ވަގުފު އިމާރާތްތައް ބިނާކޮށް ބެލެހެއްޓުމަށް އުފެއްދެވި ޚާއްސަ ކުންފުނި ވެގެންދާނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ދީނީ ދާއިރާއަށް އާ އުއްމީދުތަކަކާއި ދިރުމެއް ގެނެސްދޭނެ މުހިންމު ވަސީލަތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދީނީ ކަންކަމަށް ހޭދަކުރުމާއި ވަގުފު އިމާރާތްތައް ބިނާކޮށް ބެލެހެއްޓުމަށްޓަކައި "މޯލްޑިވްސް އައުގާފު އިންވެސްޓްމެންޓްސް ލިމިޓެޑް" ގެ ނަމުގައި އައު ކުންފުންޏެއް އުފައްދަވާފައިވާކަން އިއުލާނުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މި ކުންފުނި ވެގެންދާނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ދީނީ ދާއިރާއަށް އާ ދިރުމެއް ގެނެސްދޭނެ އެންމެ މުހިންމު އެއް ވަސީލަތް ކަމަށެވެ.
ވަގުފުގެ ނިޒާމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ލައިބްރަރީތަކާއި އިސްލާމީ މަރުކަޒުތަކުގެ އިތުރުން އިސްލާމީ މުޖުތަމައުގެ އާންމު ބާއްޖަވެރިކަމަށް ބޭނުންވާ މާއްދީ އަދި މާނަވީ ފުރުސަތުތައް ވަގުފުގެ ތެރެއިން އުފައްދައި، އޭގެ ފައިދާ މުޅި އުއްމަތަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި ވަގުފުގެ މުއާމަލާތްތަކުގައި މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ލިބުމުގެ އިތުރުން، ފަރުދީ ހިތްހަމަޖެހުމާއި ޤައުމީ އުމްރާނީ ތަރައްޤީ އެކުލެވިގެންވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އައު ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި، އެފަދަ ބިނާތައް މަރާމާތުކޮށް ބެލެހެއްޓުން ހިމެނެއެވެ. މީގެއިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ އުސޫލުތަކާ އެއްގޮތަށް މިސްކިތްތައް ބިނާކޮށް، މަރާމާތުކޮށް އާބާތުރަފިލުވުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ޤާއިމްކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ޙަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މި ކުންފުނިން މަގުފަހިވެގެންދާނެއެވެ.
އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ކުންފުނި ވެގެންދާނީ ރާއްޖޭގެ ޤައުމީ އިޖުތިމާޢީ އަދި އުމްރާނީ ވެއްޓަށް ލިބޭ ހާއްސަ ޒީނަތަކަށް ކަމަށެވެ. އަދި 2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނުމަށް ކުރެވެމުންދާ ވަށައިޖެހޭ ތަރައްޤީގެ މަސައްކަތްތަކުގައި، މި ޤައުމީ ވަގުފު ކުންފުނިން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.




