އިސްލާމްދީނުން ލިބޭ ފުރިހަމަ ރައްކާތެރިކަން ހާސިލުކުރެވޭނީ ހިތް އިސްލާހުކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އިސްލާމްދީން ފޯރުކޮށްދޭ ފުރިހަމަ ރައްކާތެރިކަމާއި އަމާންކަން ލިބޭނީ ހިތްތައް އިސްލާހުކޮށް އީމާންކަން ވަރުގަދަކޮށްގެން ކަމަށެވެ.
ދީނުގެ އަސާސަކީ އީމާންތެރިކަން ކަމަށާއި، އީމާންކަމުގެ ނިއުމަތް ބިނާވެގެންވަނީ ހިތުގެ ތާހިރުކަމުގެ މައްޗަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކޮންމެ ފަރުދަކުވެސް ނަފުސު ތާހިރުކޮށް، މާތް اللهގެ ޤަޟާއާއި ޤަދަރަށް ފުރިހަމައަށް އީމާންވެ، ހެޔޮމަގުގައި ފައިތިލަ ސާބިތުކުރުމަކީ އިސްލާމީ އުފާވެރި ހަޔާތެއްގެ ފެށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިސްލާމީ ޝަރީއަތުން އިންސާނާގެ މުދަލާއި ތަނަވަސްކަމަށް ދީފައިވާ ރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ވައްކަންކުރުމާއި، ފޭރުމާއި، ރިބާކެއުން އަދި މަކަރާއި ހީލަތް ހެދުން ފަދަ އިޖުތިމާއީ ފަސާދައަށް މަގުފަހިވާ ހުރިހާ ކަމެއް ދީން މަނާކުރާކަން ފާހަގަކުރެއްވިއެވެ. އަދި އޭގެ ބަދަލުގައި ހަލާލު ގޮތުގައި ވިޔަފާރިކޮށް މުދާވެރިވުމުގެ ހެޔޮ މަގުތައް ދީނުގައި ކަނޑައަޅުއްވާފައިވާ ކަމަށް ވިދާޅުވިއެވެ. ގައުމެއްގައި ވައްކަމާއި ފޭރުން އާންމުވުމަކީ ހަމައެކަނި އަހްލާގީ މައްސަލައެއް ނޫން ކަމަށާއި، އެއީ އިންސާނީވަންތަކަން ކެނޑި، އިޖުތިމާއީ ރައްކާތެރިކަން ގެއްލިގެންދާ މިންވަރު އަންގައިދޭ ނުރައްކާތެރި ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިތުރަށް މާޒީއަށް އަލިއަޅުވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އިސްލާމީ އުސޫލުތަކުގެ މައްޗަށް ދިވެހި މުޖުތަމައު ބިނާވެގެން އައިއިރު، ރަށްރަށުގައި ގޭގޭގައި ތަޅުލާން ނުޖެހޭ ވަރަށް އަދި ފިހާރަތަކުން ވިޔަފާރިކުރުމުގައި މީހުންގެ މެދުގައި ބޮޑު އިތުބާރެއް އޮތް ކަމަށެވެ. އެއީ ދިވެހީންގެ މެދުގައި އޮތް އިސްލާމީ ރީތި ތަރުބިއްޔަތުގެ ނަތީޖާއެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ނިންމަވާލައްވަމުން ރައީސް ވިދާޅުވީ އިސްލާމްދީނަކީ ހަމައެކަނި ރޫހާނީ އަޅުކަންތަކެއް ނޫން ކަމަށާއި، އެއީ ނަފުސާނީ ތަސައްލީއާއި، މާއްދީ ތަރުބިއްޔަތާއި، އަހްލާގީ ހަގީގަތްތައް އެކުލެވިގެންވާ މާތް އިލާހީ ނިއުމަތެއް ކަމަށެވެ.





