އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށްދިޔަ "ބޭސިކް ސްޕޯޓްސް ފަސްޓް އެއިޑް އެންޑް ޓޭޕިން" ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަހުގެ 9 އިން 11 އަށް ކުރިއަށްދިޔަ މި ކޯހަކީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް)، ސްޕޯޓްސް މެޑިސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްއެމްއޭއެމް) އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ގުޅިގެން އިންތިޒާމުކުރި ތަމްރީނު ޕްރޮގްރާމެކެވެ.
ޖުމްލަ 26 ބައިވެރިން ފުރިހަމަކުރި މި ކޯހުގައި، ކުޅިވަރުގެ ދާއިރާގައި ދިމާވާ އަނިޔާތަކަށް ފުރަތަމައެހީ ފޯރުކޮށްދޭނެ ގޮތްތަކާއި، ކުއްލި ހާލަތްތަކުގައި ޢަމަލުކުރާނެ އުޞޫލުތަކުގެ އިތުރުން ސްޕޯޓްސް ޓޭޕިންއާ ގުޅޭ ޢަމަލީ އަދި ތިއަރީ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. މި ސެޝަންތައް ކުރިއަށްގެންގޮސްދެއްވީ ކުޅިވަރުގެ ބޭސްފަރުވާގެ ދާއިރާގެ ތަޖުރިބާކާރުން ކަމަށްވާ ސްޕޯޓްސް ފިޒިޝަން ޑރ. އަޙްމަދު ޝަކީބު އާއި އެސްއެމްއޭއެމްގެ އިކުރާމް ހަމީދެވެ.
މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި ކޯހުގެ ސަބަބުން ކުޅިވަރު މެޑިސިންގެ ދާއިރާއިން ބައިވެރިންގެ މަޢުލޫމާތާއި އަމަލީ ހުނަރުތައް އިތުރަށް މުއްސަނދިވެގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.





