ދިވެހިރާއްޖޭގެ އިއްޔެއާއި މިއަދުގެ އިތުރުން މާދަމާގެވެސް ސަލާމަތާއި ރައްކާތެރިކަން ގުޅިފައިވަނީ މާތްވެގެންވާ އިސްލާމްދީނާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހީންނަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނުތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޚާއްޞަ ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު މާތްﷲއަށް ޙަމްދާއި ޝުކުރު ދަންނަވަމުން ފައްޓަވަމުން ވިދާޅުވީ، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ޤަބޫލުކޮށްގެން ދިވެހީން ޖީލަކަށް ފަހު ޖީލެއް ވޭތުކުރަމުން އަންނަތާ 900 އަހަރު ވެއްޖެ ކަމަށެވެ. އަދި ދިވެހީންގެ އުޅުމާއި، ސަގާފަތާއި، އެންމެހައި މުޢާމަލާތްތައް ބައްޓަންކޮށްފައިވަނީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ކަމަށާއި، ޤައުމާއި ދީނުގެ ދިފާޢުގައި ދިވެހީން އަބަދުވެސް ނުކުމެފައިވަނީ ﷲގެ މަގުގައި ޖިހާދުކުރުމުގެ މަތިވެރި އަޒުމުގައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ 9 ގަރުނުގެ ތެރޭގައި ދިވެހީން ހޯދާފައިވާ ކޮންމެ ނަޞްރަކާއި، ޤައުމީ ތަރައްޤީއާއި ފާގަތިކަމެއްގެ އަސްލަކީ އިސްލާމްދީން ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، މި މުނާސަބަތުގެ ހެޔޮއެދުމާއި މުބާރަކްބާދީ އެންމެހައި ދިވެހި ރައްޔިތުންނަށް އަރިސްކުރައްވަމުން، ދިވެހީން އަބަދުވެސް މުސްލިމުންގެ ގޮތުގައި ލަހައްޓަވައި، އިސްލާމްދީނުގެ ބަރަކާތުން މި ވަޠަނަށް ރައްކާތެރިކަމާއި މަތިވެރިކަން ތަނަވަސްކޮށްދެއްވުން އެދި އެމަނިކުފާނު ދުޢާކުރެއްވިއެވެ.
ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރޭ މި ތާރީޚީ އަހަރުގެ މުނާސަބަތު ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން އަހަރުގެ ތެރޭގައި ތަފާތު ގިނަ ހަރަކާތްތަކެއް ހިންގުމަށް ރޭވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.





