ރާއްޖެއިން ބޭރުގެ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާ ކާޑުން ކުރާ މުއާމަލާތްތަކަށް ދެފުށް ފެންނަ ބަދަލުތަކެއް ގެނެސް، ކާޑު ލިމިޓް ރީސެޓްވާ ގަޑި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފިއެވެ. އާދީއްތަ ދުވަހުން ފެށިގެން އަމަލުކުރަން ނިންމާފައިވާ މި އުސޫލުގެ ދަށުން، ކޮންމެ ދުވަހަކުވެސް ކާޑު ލިމިޓުތައް ރީސެޓްވާނީ ހެނދުނު 7:00 ޖަހާއިރުއެވެ.
ބީއެމްއެލްއިން ބުނީ ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑުގެ ސަބަބުން ބޭންކުގެ ބޭރު ފައިސާގެ ތަނަވަސްކަމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. މިއާއެކު، ބޭންކުން ފޯރުކޮށްދޭ ޒަރޫރީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ހެދުމަށް ދަތިތަކާ ކުރިމަތިވެ، ކަސްޓަމަރުންގެ ޝަކުވާތައް އިތުރުވަމުންދާތީ، މި ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި އީކޮމާސް މުއާމަލާތްތައް ވަނީ ފަސް ގިންތިއަކަށް ބަހާލައިގެން ލިމިޓްކޮށްފައެވެ.
މި ބަދަލުގެ ދަށުން މަހެއްގެ މައްޗަށް އީކޮމާސް ވެބްސައިޓުތައް މެދުވެރިކޮށް ކުރެވޭ މުއާމަލާތްތަކުގެ ޖުމްލަ އަދަދު ވަނީ 16 މިލިއަން ޑޮލަރަށް ކަނޑައަޅާފައެވެ. އެއާއެކު، އެންމެ ގިނައިން ވިޔަފާރިކުރާ 150 އީކޮމާސް ޕްލެޓްފޯމަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) އަދި މީސްމީޑިއާގެ މަންސަތަކަށް މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކަށް 50,000 ޑޮލަރު) ވަނީ ކަނޑައަޅާފައެވެ. އޭގެ އިތުރުން ދަތުރުފަތުރާއި ހޮޓެލް ބުކިންތަކަށް މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް 200,000 ޑޮލަރު) ކަނޑައަޅާފައިވާއިރު، މި ކެޓެގަރީން ކޮންމެ ކަސްޓަމަރަކަށް ތިން މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތެވެ.
އަދި ޒަރޫރީ ސަބްސްކްރިޕްޝަންތަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) އަދި އެހެނިހެން އީކޮމާސް ވިޔަފާރިތަކަށް މަހަކު 1.8 މިލިއަން ޑޮލަރު (ދުވާލަކަށް 60,000 ޑޮލަރު) ލިމިޓެއް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، ސިއްހީ އަދި ތައުލީމީ ކަންކަމާ ގުޅޭ މުއާމަލާތްތަކަށް މާޗަންޓް ލެވެލްގެ ލިމިޓެއް ކަނޑައަޅާފައި ނުވާކަމަށާއި، އެފަދަ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޚާއްސަ ބަފާއެއް ދަމަހައްޓާނެ ކަމަށް ބޭންކުން ބުނެއެވެ.
ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، އެ ބޭންކުގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ދުނިޔޭގެ 40،000 އަށްވުރެ ގިނަ އީކޮމާސް ޕްލެޓްފޯމުން ދުވާލަކު އެވްރެޖްކޮށް 20،000 އަށްވުރެ ގިނަ މުއާމަލާތް ކުރެއެވެ. އަދި ބޭންކަށް ލިބޭ ޑޮލަރުގެ އާމްދަނީއަށްވުރެ ކާޑު މުއާމަލާތްތައް މެދުވެރިކޮށް ބޭރުވާ ޑޮލަރުގެ މިންވަރު އިތުރުވަމުންދާތީ، މި އުސޫލުތަކަކީ ޒަރޫރީ ބޭނުންތަކަށް ފައިސާ ފޯރުކޮށްދިނުމަށް އިސްކަންދިނުމުގެ ގޮތުން ގެނެވުނު ބަދަލުތަކެކެވެ.





