ސުލްތާން މުހައްމަދު ބިން އަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރު" އިމާރާތްކުރުމަށް ބޭނުންވާ ބިން ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިހީ ކުންފުންޏާ ހަވާލުކުރުން

ރާއްޖޭގައި މިއަދާ ހަމައަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ސުލްތާން މުހައްމަދު ބިން އަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރު" އިމާރާތްކުރުމަށް ބޭނުންވާ ބިން ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިހީ ކުންފުންޏާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އައްރާޖިޙީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ބަންދަރު ޢަބްދުﷲ އައްރާޖިޙީއެވެ.

މި މަޝްރޫޢާ ގުޅޭ މުހިންމު ތަފްސީލުތައް:

  • އިމާރާތްކުރާ ސަރަޙައްދު: ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވައްސާ ގުޅޭ ސަރަޙައްދު.

  • ބިންގާެޅުން: ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެން މާދަމާ ހަވީރު.

  • ޖާގަ: އެއްފަހަރާ ގާތްގަނޑަކަށް 10,000 މީހުންނަށް ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް.

މި އިސްލާމިކް ސެންޓަރުގައި ނަމާދުކުރާ މައި ހޯލުގެ އިތުރުން ތައުލީމީ، ސަގާފީ އަދި އިޖުތިމާއީ ތަފާތު ވަސީލަތްތައް ގާއިމުކުރާނެއެވެ. އޭގެ ތެރޭގައި އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއް، ޤުރުއާން މިއުޒިއަމެއް، އެގްޒިބިޝަން ހޯލެއް އަދި މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއް ހިމެނެއެވެ. މީގެ އިތުރުން އިދާރީ އޮފީސްތަކާއި، އާންމުންނާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއަކާއި، އިސްލާމީ ފޮތް ފިހާރައެއްގެ އިތުރުން ގިފްޓް ޝޮޕެއްވެސް ހުންނާނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ބިނާއަކީ ރާއްޖޭގެ އިސްލާމީ ޙަޟާރަތާއި ފަރުމާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދީ، އަންނަން އޮތް ޖީލުތަކަށް އީމާންކަމާއި ޢިލްމު ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ އަގުހުރި ތަރިކައެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް