މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިމަހުގެ 14 އިން 15 އަށް ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން، ރަސްމީ ޖެޓީ ހިމެނޭ ސަރަޙައްދާއި ގްރީން ޒޯނުން ކަނޑާއި އެއްގަމު އުޅަނދުތައް ހުސްކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އަންގައިފިއެވެ.
ފުލުހުން ބުނެފައިވަނީ، ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށީގެން ސިޓީ ގާޑަންއާ ދެމެދުން ކަނޑު އުޅަނދުފަހަރު މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނަގަންޖެހޭނެ ކަމަށެވެ. އަދި ބޮޑުތަކުރުފާނު މަގާއި އަމީރު އަޙުމަދު މަގުގައި ހޮޓެލް ޖެންއާ ހަމައަށް އޮންނަ ސަރަޙައްދުން އެއްގަމު އުޅަނދުފަހަރު ހަމަ އެ ދުވަހުގެ ހަވީރު 16:00 ގެ ކުރިން ހުސްކުރުމަށް ވަނީ އެދިފައެވެ.
މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު މަގާމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވުމާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.





