ހަރުދަނާ ތައުލީމީ ނިޒާމެއް ގާއިމުކުރުމަށްޓަކައި ދަރިވަރުންގެ ކާމިޔާބީ ވަޒަންކުރުމުގައި ހަމައެކަނި ބަރޯސާވާ މިންގަނޑަކީ އިމްތިހާނުތަކުގެ ނަތީޖާއަށް ވެގެން ނުވާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ޝަހީދު އަލީ ސްކޫލްގައި ބޭއްވި އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގެ އަށް ވަނަ އެޑިޝަން ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ގައުމީ މަންހަޖުގެ މައިގަނޑު މަގުސަދަކަށް ވާންޖެހޭނީ އިމްތިހާނުތައް ނިންމުމަށްވުރެ ބޮޑަށް، ދަރިވަރުން ދިރިއުޅުމުގެ މައިދާނަށް ފުރިހަމައަށް ތައްޔާރުކުރުން ކަމަށެވެ. އަދި ވިލުންތެރި އިގުތިސާދެއް ބިނާކުރުމަށް ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީނުތަކުގެ މުހިންމުކަން ފާހަގަކުރައްވަމުން، ދަރިވަރުންގެ ފަރަގުތަކަށް ރިއާޔަތްކުރާ އިންކްލޫސިވް ކްލާސްރޫމްތަކެއް ހުރުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސާއި ޒަމާނީ ވަސީލަތްތަކުން ކިޔަވައިދިނުމަށް ލުއިފަސޭހަތަކެއް ލިބުނު ނަމަވެސް، އެއީ މުދައްރިސެއްގެ މަގާމާއި އަހުލާގީ ތަރުބިއްޔަތުގެ ބަދަލެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީންކޮށްދެއްވަމުން ނައިބު ރައީސް ވިދާޅުވީ، މުދައްރިސުންގެ މިންނެތް މަސައްކަތާއި އިސްނެގުމާ ނުލައި ތައުލީމީ ދާއިރާއަށް ގެންނަ ކޮންމެ ސިޔާސަތެއް ނުވަތަ ބަދަލެއް ކާމިޔާބު ނުވާނެ ކަމަށެވެ.





