ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ބޯ ވިއްސާރައިގައި އައްޑޫ ސިޓީގެ ފޭދޫގެ 70 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ހާލުގައިޖެހުނު އާއިލާއެއް ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ހާމަކޮށްފައެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި ފޭދޫގެ އިތުރުން މަރަދޫގެ ދެ ގެއަކަށްވެސް ފެންވަދެގެން ވަނީ ރިޕޯޓުކޮށްފައެވެ. ފޭދޫގައި ފެންބޮޑުވި ގޭގޭގެ ތެރެއިން އަށް މީހުން ދިރިއުޅެމުންދިޔަ ގެއެއްގައި ޒަރޫރީ ބޭނުންތައް ނުފުއްދޭ މިންވަރަށް ހާލަތު ގޯސްވުމުން، އެ މީހުން މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައެވެ.

މި ވިއްސާރައިގައި ފުވައްމުލަކުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، ގއ. އާއި ގދ. އަތޮޅުގެ އިތުރުން މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށްވެސް ދަނީ މެދުނުކެނޑި ބޯކޮށް ވާރޭވެހެމުންނެވެ.
ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި ކައުންސިލްތަކާއި އާންމުން ގުޅިގެން ކުރަމުންދާއިރު، ގެދޮރާއި ވިޔަފާރިތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރާތީ، ކަނޑުދަތުރުފަތުރު ކުރުމުގައާއި ފެންބޮޑުވުމުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.





