ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓްރީވުމަށް މީރާއިން އަންގައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދޭ ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި ޓްރެވަލް އޭޖެންސީތަކުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް (ޖީއެސްޓީ) ނެގުމަށްޓަކައި ރަޖިސްޓްރީވުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންގައިފިއެވެ.

މިއީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، "ޑެސްޓިނޭޝަން ޕްރިންސިޕަލް" އާ އެއްގޮތަށް އަންނަ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން ތަންފީޒުކުރަން ނިންމާފައިވާ ބަދަލެކެވެ.

މީރާއިން ނެރުނު ސާކިއުލާގައިވާ ގޮތުން، ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ އޮންލައިން ބުކިންގ ޕްލެޓްފޯމްތަކާއި، ބޭރުގެ ޓުއާ އޮޕަރޭޓަރުން، ޓްރެވަލް އޭޖެންޓުން، ބެޑް ބޭންކުތައް، އެކޮމޮޑޭޝަން ހޯލްސޭލްކުރާ ފަރާތްތައް އަދި ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތަކުން ދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގާނެއެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ރާއްޖެއަށް ކުރާ ދަތުރުތަކާއި، ރާއްޖޭގައި ފަތުރުވެރިއަކަށް ހަމަޖައްސައިދޭ ކެއިންބުއިމާއި ހުރުމުގެ އިންތިޒާމުތަކަކީ ރާއްޖޭގެ އެތެރޭގައި ދޭ ޚިދުމަތްތަކެއް ކަމަށް ބެލެވޭތީ، ބޭރުގައި ރަޖިސްޓްރީކޮށްފައިވީ ނަމަވެސް އެ ފަރާތްތަކުން ޖީއެސްޓީ ދައްކަންޖެހޭނެއެވެ.

ޖީއެސްޓީއަށް ރަޖިސްޓްރީވުމުގެ މަރުހަލާ ކުރިއަށްގެންދަންޖެހެނީ މީރާގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށެވެ. ރަޖިސްޓްރީވުމާއެކު ޖީއެސްޓީ ޓިން ނަމްބަރު ހިމެނޭ ސެޓްފިކެޓް ދޫކޮށް، "މީރާ-ކަނެކްޓް" މެދުވެރިކޮށް ޓެކްސްގެ ކަންކަން ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. މީގެ އިތުރުން، ބޭރުގެ ފަރާތްތަކަށް އެހީތެރިވުމަށް ޚާއްސަ އީމެއިލް އެޑްރެހެއް ތައާރަފްކޮށް، ރަޖިސްޓްރީވުމާ ގުޅޭ ގައިޑެއްވެސް މީރާގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް