ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގެ އަށް ވަނަ އެޑިޝަން ޝަހީދު އަލީ ސްކޫލުގައި ފަށައިފިއެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މި ކޮންފަރެންސް ފައްޓަވައިދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. "ރީއިމޭޖިން، ރީތިންކް، ރިފޯމް-އެޑްވާންސިންގ އިނޮވޭޝަން ފޮރ އެން އެކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗަ" މި ޝިޔާރުގެ ދަށުން ކުރިއަށްދާ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ދިރާސާކުރުމުގެ ސަގާފަތެއް އާލާކޮށް، ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް މަޝްވަރާކުރުމެވެ.
މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ބޭރުގެ ގައުމުތަކުން (ސްރީލަންކާ، ޕާކިސްތާން، މިސްރު، އޮސްޓްރޭލިއާ އަދި އިންޑިއާ) 300 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. އަދި 106 ބޭފުޅަކު ޖުމްލަ 70 ޕްރެޒެންޓޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވާއިރު، ކެމްބްރިޖް ޔުނިވާސިޓީ ޕްރެސް އެންޑް އެސަސްމަންޓްގެ ސައުތު އޭޝިއާ މެނޭޖިން ޑިރެކްޓަރު އަރުން ރާޖަމަނީ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހްމޫދު ޝައުގީ ކީ ނޯޓް ސްޕީޗް ދެއްވާނެއެވެ. މީގެ އިތުރުން ޑިޖިޓަލް މުސްތަގުބަލާއި، އިންކްލޫސިވް އެޑިއުކޭޝަން އަދި އެކަޑެމިކް ދާއިރާއިން ބޭރުގެ ކަންކަމަށް އަމާޒުކޮށްގެން ހާއްސަ ޕެނަލް މަޝްވަރާތަކާއި ވޯކްޝޮޕްތައް ކުރިއަށްދާނެއެވެ.





