ދަރިވަރުންނަށް ހާސިލުކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި، އަންނަ އަހަރު ކީސްޓޭޖް 1 ގެ ގްރޭޑް އެކެއްގެ ފޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ޝަހީދު އަލީ ސްކޫލްގައި މިއަދު ހެނދުނު ބޭއްވި އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގެ އަށް ވަނަ އެޑިޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ކޮންމެ ފޮތަކަށް ނުވަތަ ކޮންޓެންޓަކަށް ބަދަލުތަކެއް ގެނައި ނަމަވެސް، ކުއްޖާގެ ކިބަޔަށް ހަގީގީ އަދި ފައިދާހުރި ބަދަލެއް ގެނެވޭނީ ސީދާ ޓީޗަރުން ކުރާ ބުރަ މަސައްކަތުން ކަމަށެވެ.
"ފޮތެއް އޮތަސް އެދުރެއް ނުވާނެ. ފޮތެއް ނޫން މުހިންމީ، ހަގީގަތުގައި މުހިންމީ އަޅުގަނޑުމެންގެ ތުއްތު ދަރިވަރުންގެ އެޑިއުކޭޝަން ބައްޓަންކުރާ ގޮތް. މީގެ އެންމެ ބޮޑު ބަދަލެއް އަންނާނީ ޓީޗަރުންގެ މަސައްކަތުން،" ވަޒީރު ވިދާޅުވިއެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ކޮންފަރެންސްތަކުގެ އެންމެ ބޮޑު ބޭނުމަކީ ތައުލީމީ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި ކްލާސްރޫމްތަކުގެ އަމަލީ ޕްރެކްޓިސްތައް ދިރާސާތަކާ ގުޅުވައިގެން، ކިޔަވައިދިނުން އިތުރަށް ހަރުދަނާ ކުރުމެވެ. އަދި މުދައްރިސުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރު ހަނަކޮށްފިނަމަ، ކުއްޖެއްގެ ހަޔާތުން ވަރަށް މުހިންމު ބައެއް ގެއްލިގެންދާނެ ކަމަށާއި، ސްކޫލްތައް ހިންގުމުގައި ޕްރިންސިޕަލުން ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު މުދައްރިސުންނާއި ބެލެނިވެރިން ޝާމިލުކުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
ތައުލީމީ ދާއިރާއަށް ގެންނަމުންދާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަފީއު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސާނަވީ ތައުލީމުން މަތީ ސާނަވީއަށް ވަންނަ ދަރިވަރުންގެ އަދަދު މަދު ކަމަށެވެ. ނަމަވެސް މިހާރު އެ ނިސްބަތް %50 އާ ގާތްކުރާ މިންވަރަކަށް މަތިވަމުންދާ ކަމަށާއި، ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި މާލޭގައި ވޮކޭޝަނަލް ހައި ސްކޫލެއް ގާއިމްކޮށް، މަތީ ތައުލީމުގެ ފުރުސަތުތައް %60 އަށް ފަހިކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށެވެ.





