ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރުއްވައިފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11:30 އިން ހަވީރު 16:30 އާ ހަމައަށެވެ. އެ އިދާރާއިން ބުނީ މި ވަގުތުތަކުގައި ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ރާޅުގެ އުސްމިން 3 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައިގައި އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވަނީ ސ. ގަމަށެވެ. އެއީ 183 މިލިމީޓަރުގެ ވާރޭއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނު ގދ. ތިނަދުއަށް 87.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުލެއަށް ވަނީ 86.4 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުންނާއި އާންމުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.





