ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ކާފު އަތޮޅުން ފެށިގެން އަލިފު ދާލު އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރުއްވައިފިއެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހެނދުނު 07:30 އިން 11:30 އަށެވެ. އެ އިދާރާއިން ބުނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ހުޅަނގުމޫސުމުގެ ބާރުގަދަވެ، ރާއްޖެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަވިލާ އުފެދެމުންދާތީ، މި މަހުގެ 11 އިން 13 އަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ވިއްސާރައިގައި މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ކަމަށްވާ ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. ވަކިން ހާއްސަކޮށް އައްޑޫ ސިޓީ ފޭދޫގެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ، ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މޫސުން އިތުރަށް ގޯސްވެ، ކަނޑުތައް ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އާންމު ރައްޔިތުންނާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް