އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.23 މިލިއަން ޑޮލަރުން ފީފާއިން ޖޫރިމަނާކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފީފާގެ އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވެފައިވާތީ، ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން އޭނާ އުމުރަށް ސަސްޕެންޑްކޮށް، ގާތްގަނޑަކަށް 1.23 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ފީފާއިން ވަނީ ނިންމާފައެވެ.

ފީފާއިން ބުނި ގޮތުގައި ބައްސާމްގެ މައްޗަށް ނަހަމަ ގޮތުގައި މާލީ މުއާމަލާތްތައް ހިންގުމާއި، މަނީ ލޯންޑަރިންގެ އިތުރުން ފީފާގެ ކޮވިޑް-19 ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރިކަން ވަނީ ސާބިތުވެފައެވެ. މި މައްސަލައިގައި އެފްއޭއެމްގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ޑިރެކްޓަރު މުހައްމަދު އަގީލް ވެސް ވަނީ 10 އަހަރަށް ސަސްޕެންޑްކޮށް، 100,000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފައެވެ.

ބައްސާމް ކޮވިޑް ފަންޑުގެ ފައިސާއާއި ބޭރުގެ އެހީގެ ފައިސާ ބޭނުންކޮށްގެން ހުޅުމާލޭގެ އަމީން އެވެނިއުއިން ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި ރާއްޖޭގެ ކޯޓުތަކުން ވެސް އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވައި، އެ ދެ އެޕާޓްމަންޓް ދައުލަތަށް ނެގުމަށް ވަނީ އަމުރުކޮށްފައެވެ. ސިއްހީ ހާލަތަށް ރިއާޔަތްކޮށް ބައްސާމް މިހާރު ގޭބަންދަށް ބަދަލުކޮށްފައިވާއިރު، މިއީ ރާއްޖޭގެ ފުޓްބޯޅަ ތާރީޚުގައި ފީފާއިން އުމުރު ދުވަހުގެ ސަސްޕެންޝަނެއް އިއްވި އެންމެ އިސް އޮފިޝަލެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް