މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެ ވަޑައިގަންނަވާ ދަތުރުފުުޅުގައި، މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވަނީ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އަންނަ ހޯމަ ދުވަހު ރާއްޖެއަށް ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

މިއީ ނޮވެމްބަރު 2022 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ އިތުރުން، ފާއިތުވި ނުވަ އަހަރު ތެރޭ މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވައި، ގުޅުން އިތުރަށް ހަރުދަނާކުރުމަށް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، ބޮޑުވަޒީރު އަންވަރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތް ކުރައްވާނެއެވެ.

އިންޑިއާގައި އޮންނަ "ބްރިކްސް" ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު ބޮޑުވަޒީރު އަންވަރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ، މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1968 ވަނަ އަހަރުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް