މާލެ ކައިރީ އަޅާފައި އޮއްވާ އޮޔާގޮސް ސިނަމާލެ ބުރިޖުގައި ތެޔޮ ބޯޓުތަކެއް ޖެހުނު ހާދިސާގައި ބުރިޖުގެ ސްޓްރަކްޗާއަށް ބޮޑު ގެއްލުމެއް ލިބިފައިނުވި ނަމަވެސް، ކުދިކުދި ރެނދުތަކެއް ލާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ބުރިޖު ބަލަހައްޓާ ސީއެޗްއީސީން ކުރިއަށްގެންދިޔަ އިންސްޕެކްޝަނަށްފަހު، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އެ ރެނދުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މިފަދަ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، ކޮންޓްރޯލުން ނެއްޓޭ އުޅަނދުފަހަރު ބުރިޖާ ހަމައަށް ފޯރުމުގެ ކުރިން ހިފެހެއްޓޭނެ ފަދަ ބާރުގަދަ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް އެމްޕީއެލްއިން ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އެ ޓަގުތައް ލިބޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭގެއިތުރުން ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބަހައްޓާ އުސޫލުތައް މުރާޖާކޮށް، ކޯސްޓްގާޑާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާނެ އިޖުރާއަތްތަކެއް އެކުލަވާލެވޭނެއެވެ.
މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން އޮޔާގޮސް ބުރިޖުގައި ޖެހުނު މި ދެ ބޯޓަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަދެ އުޅެނިކޮށް ހިފަހައްޓައި، ތަހުގީގު ކުރަމުންދިޔަ ދެ ޓޭންކަރެވެ. އިންޑިއާގެ 20 ފަޅުވެރިންނާއެކު އޮތް މި ދެ ބޯޓު އޮޔާގޮސްފައިވަނީ މާލޭ އުތުރު ފަރާތު ކާނިވަލާ ދިމާލުންނެވެ.





