ފޭދޫ ގެއެއްގައި ފެން ބޮޑުވެފައި-- ފޮޓޯ: އެންޑީއެމްއޭ

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ބުނެފިއެވެ.

މި ވިއްސާރައިގައި ގއ. ގދ.، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކި ވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ.

އެންޑީއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި ފޭދޫގެ 30 އަށް ވުރެ ގިނަ ގެއަށް ފެންވަދެފައިވާ އިރު، މީގެ ތެރެއިން އެއް ގެއެއްގައި މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުންވުމުން އެ ގޭގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ދެ މީހުންނާއެކު ޖުމްލަ އަށް މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ 100 އަށް ވުރެ ގިނަ ގެއަށް ފެނުގެ އަސަރުކޮށް، ބައެއް ގެތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

މަގުތަކުން ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާއާއި ކައުންސިލްގެ އިތުރުން ކަމާބެހޭ މުއައްސަސާތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން އެ ސަރަހައްދަށް އޮރެންޖު އަދި ރީނދޫ ސަމާލު ނެރެފައިވާއިރު، އެންޑީއެމްއޭއިން ދަނީ ހާލަތު މޮނިޓަރު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް