ދިވެހިރާއްޖޭގައި އިސްލާމްދީން ޙިމާޔަތްކޮށް ދެމެހެއްޓުމަކީ މުޅި މުޖުތަމަޢުގެ ފަރުދީ އަދި ޖަމާޢީ ޒިންމާއެއްކަމަށާއި، ފާއިތުވި ނުވަސަތޭކަ އަހަރު ރާއްޖެ އެއްބައިވަންތަކަމާއި މިނިވަންކަންމަތީ ދެމިއޮތީ އިސްލާމްދީނުގެ ސަބަބުންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި އިސްލާމްދީނަކީ މާތް اللهُ ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ މެދުވެރިކުރައްވައި ފޮނުއްވި އެންމެ ފުރިހަމަ ދީނެވެ. މިކަން ބަޔާންކުރައްވައި ކީރިތި ޤުރްއާނުގެ މާޢިދާ ސޫރަތުގެ 3 ވަނަ އާޔަތުގައި މާތް اللهُ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ:
"ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ދީން ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް ތަމާމުކުރައްވައިފީމެވެ. އަދި އިސްލާމްދީނަށް ތިޔަބައިމީހުންގެ ދީންކަމުގައި ރުހިވޮޑިގެންފީމެވެ."
އަދި މުޖުތަމަޢުގައި ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުމުގެ އިޖުތިމާޢީ ރުކުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ޚުޠުބާގައި އަލިއަޅުވާލެއްވިއެވެ. ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ: "ތިމަންކަލޭގެފާނު ފޮނުއްވުނީ އެންމެހައި ރަޙުމްހުރި ރީތި އަޚުލާޤީ ސިފަތައް ފުރިހަމަކުރެއްވުމަށްޓަކައެވެ."
(އިމާމް އަޙްމަދު، އަލްޙާކިމް އަދި އަލްބައިހަޤީ ރިވާކުރައްވާފައިވާ ޙަދީޘެއް). މި ޙަދީޘުން އެނގޭ ގޮތުގައި އިސްލާމްދީނުގެ މުހިންމު މަޤްޞަދަކީ މުޖުތަމަޢުގައި ރީތި އަޚުލާޤު އަށަގަންނުވައި، ކާފަރުކުރުމާއި، ޓެރަރިޒަމަށް ވާގިވެރިވުމާއި، މުޖުތަމަޢު ބައިބައިކުރުން ފަދަ ނުބައި ކަންކަމުން ދުރުހެލިވުމެވެ.
ޚުޠުބާ ނިންމާލައްވަމުން، ކުދިންނަށް ދީނީ ތަރުބިޔަތު ދިނުމަށާއި، ނަމާދުގެ ޖަމާޢަތްތައް ބަދަހިކުރުމަށާއި، އަދި ނިކަމެތިވެފައިވާ ފަލަސްޠީނުގެ މުސްލިމް އަޚުންނަށް ނަޞްރާއި އެހީތެރިކަން ދެއްވުން އެދި ދުޢާކުރުމަށް ހަނދާންކޮށްދެއްވިއެވެ.





