ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.
މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ ދައުވަތު އެރުވީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައި، ގުޅުން ބަދަހިކުރުމާއި ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، ތަފާތު ދާއިރާތަކުން އައު ފުރުސަތުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމަށްޓަކައި މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ.
މީގެއިތުރުން، މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުއްﷲ އަދި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތްތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 58 އަހަރުވެފައިވާއިރު، މި ދަތުރުފުޅުން ދެ ގައުމުގެ މެދުގައި އޮތް ބަދަހި ރަހުމަތްތެރިކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ.





