ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި "އިންޖިނިއަރިން އެވޯޑު" ކާމިޔާބުކުރި ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޖިނިއަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން "އިންޖިނިއަރިން އެވޯޑު" ކާމިޔާބުކުރި މީހުންނަށް މިރޭ އެވޯޑު ހަވާލުކޮށްފިއެވެ.

ބާސެލޯ ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް އެވޯޑުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި، މިއީ އިންޖިނިއަރިންގ ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކޮށް، ގައުމީ ޚިދުމަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭން ފެށި އެވޯޑެކެވެ. އަދި އެވޯޑު ލިބުނު ފަރާތްތައް ހޮވާފައިވަނީ ޚާއްޞަ ފަންނީ ކޮމިޓީއަކުން ހަރުދަނާ އުސޫލުތަކެއްގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި އެންމެ ޝަރަފުވެރި "ލައިފްޓައިމް އެޗީވްމަންޓް އެވޯޑު" އިންޖިނިއަރިންގ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ތިން ބޭފުޅަކަށް ވަނީ އަރުވައިފައެވެ.

އެއީ ކަރަންޓުގެ ދާއިރާއަށް ގާތްގަނޑަކަށް 50 އަހަރު ޚިދުމަތް ކުރެއްވި ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުއްޝަކޫރު ސޯލިޙާއި، އުމްރާނީ ތަރައްގީގެ ދާއިރާގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ބޮޑެތި މަޝްރޫއުތައް ހިންގެވި އަލްމަރުޙޫމް އަޙްމަދު މަހުރީންގެ އިތުރުން، ސްޓެލްކޯގެ އެޕްރެންޓިސްއަކުން ފެށިގެން ސީއީއޯގެ މަގާމާ ހަމައަށް 50 އަހަރަށްވުރެ ދިގު މުއްދަތަކު ޚިދުމަތް ކުރެއްވި އަލްމަރުޙޫމް މުޙައްމަދު ރަޝީދެވެ.

އަހަރުގެ އެންމެ މޮޅު އިންޖިނިއަރުގެ އެވޯޑު، ހަކަތައިގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ އަދި އެމްޑަބްލިއުއެސްސީގެ ރިސްކު އެންޑް ކޮމްޕްލަޔަންސްގެ ޖެނެރަލް މެނޭޖަރު ޑރ. ފުރުގާން އިބްރާހިމް ކާމިޔާބު ކުރެއްވިއިރު، "ވިމެން އިން އިންޖިނިއަރިންގ އެވޯޑު" ހާސިލުކުރެއްވީ ރާއްޖޭގެ ފުރަތަމަ އަންހެން ޗާޓަރޑް ސިވިލް އިންޖިނިއަރު އަސްރާރެވެ.

މީގެއިތުރުން "ޔަންގް އިންޖިނިއަރ އެވޯޑު" މުޙައްމަދު ޒިދާން ޙަސަން ހާސިލުކުރިއިރު، "ސްޓޫޑެންޓް އިނޮވޭޓަރ އެވޯޑު" ލިބުނީ މެލޭޝިއާގައި މެކޭނިކަލް އިންޖިނިއަރިންގ ކިޔަވަމުންދާ ޙުސައިން ޖައުޝަން އަށެވެ.

ކުންފުނިތަކާއި މަޝްރޫއުތަކަށް ދެވުނު އެވޯޑުތަކަށް ބަލާއިރު، އިރުގެ ހަކަތައާއި އެޑްވާންސްޑް ބެޓެރީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކާބަން ދޫކުރާ މިންވަރު ދަށްކޮށްގެން ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ މަޝްރޫއަށް އެމްޑަބްލިއުއެސްސީއަށް ވަނީ "ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު" ލިބިފައެވެ.

އަދި ރ. ދުވާފަރުގައި ސާފު ބޯފެނާއި، ނަރުދަމާއާއި، ކުނި މެނޭޖްކުރުމުގެ އިތުރުން އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމަށް އެމްޑަބްލިއުއެސްސީން ހިންގި އިންޓެގްރޭޓެޑް ޔުޓިލިޓީ ސާވިސަސް މަޝްރޫއަށް "ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު" ވަނީ ލިބިފައެވެ.

މިފަދަ އެވޯޑެއް ދެއްވާނެކަން ރައީސް ޑރ. މުޢިއްޒު އިއުލާން ކުރެއްވީ ސިނަމާލެ ބްރިޖު ހުޅުވި ދުވަހާ ގުޅުވައިގެން، 30 އޮގަސްޓް 2025 ގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ފާހަގަކުރި އިންޖިނިއަރުންގެ ދުވަހުގެ ޚިޠާބުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް