ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، ތ. މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫޢުގެ ތެރެއިން، މިހާރު ކުރިއަށްދަނީ މަގުތަކުގެ އަޑީގައި ވަޔަރުތަކާއި ކޭބަލްތައް އެޅުމަށް ބޭނުންވާ ކޭބަލް ޖަންކްޝަންތައް ބެހެއްޓުމުގެ މަސައްކަތް ކަމަށް ރޯޑް ޑިވެލޮޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ން ބުނެފިއެވެ.
މި މަޝްރޫޢަކީ މަޑިފުށީގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ދުއްވާއެއްޗެއްސާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް އަމާން އަދި ފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ތާރުއެޅުމުގެ އިތުރުން ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުބައްތި ޖެހުމާއި، މަގުމަތީގެ ނިޝަންތައް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢު ޑިޒައިން އެންޑް ބިލްޑް އުޞޫލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައިވަނީ 10 ސެޕްޓެމްބަރު 2025 ގައެވެ.
ޖުމްލަ 5.4 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 83.2 މިލިއަން ދިވެހި ރުފިޔާ) ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ މަސައްކަތް މުޅިން ނިންމުމަށް އާރްޑީސީއަށް ދީފައިވަނީ 730 ދުވަހުގެ (2 އަހަރު) މުއްދަތެކެވެ.
މި މަޝްރޫޢު ނިމުމުން މަޑިފުށީގެ އިޤްތިޞާދީ އަދި އިޖުތިމާއީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.





