މަސްތުވާތަކެތި ޓްރެފިކްކުރުމަށާއި ވިޔަފާރިކުރުމަށް އެނގިހުރެ ގެ ދިންކަން ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް އިބްރާހީމް ނާޡިމް 10 އަހަރަށް ޖަލަށް ލުމަށާއި، 50،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މުޙައްމަދު މިޞްބާޙު ބެއްލެވި މި މައްސަލައިގައި ދައުލަތުން ދަޢުވާކޮށްފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމަށް، ޕެޑެލްކުރުމަށް ނުވަތަ އުފެއްދުމަށް ބޭނުންކުރާ ތަނެއްކަން އެނގިހުރެ ނުވަތަ އެފަދަ ކަމެއް ހިނގާފާނެ ކަމަށް ޤަބޫލުކުރެވޭ ހާލަތެއްގައި، ތަނުގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ މަސްއޫލުވެރިޔާ އެކަމަށް ހުއްދަދީފިނަމަ އެއީ ބޮޑު ކުށެކެވެ.
މި މައްސަލައިގެ ޝަރީއަތް ނިންމަވައި އިއްވި ޙުކުމްގައިވާ ގޮތުން، ގ. ޕެލިކަން ގޭގައި މަސްތުވާތަކެތީގެ އަމަލުތައް ހިންގުމަށް ހުއްދަދީ، އެކަމަށް މަގުފަހިކޮށްދީފައިވާކަން ދައުލަތުން ހުށަހެޅި ހެކިތަކުން ވަނީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވެފައެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވެ ޙުކުމް ކުރެވުނު ފުރަތަމަ މައްސަލައަށްވާތީ މިއީ ޝަރުޢީ ދާއިރާގައި ޤާއިމުކުރެވުނު މުހިންމު ނަޒީރެކެވެ.
މަސްތުވާތަކެތީގެ ވަބާއިން މުޅި ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން ވަރަށް ފުޅާ ދާއިރާއެއްގައި ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންދާއިރު، މި ފަދަ ޣައިރުޤާނޫނީ ވިޔަފާރިތައް ސީދާ ކުރާ މީހުންގެ އިތުރުން، އެކަމަށް އެކި ގޮތްގޮތުން މަގުފަހިކޮށްދީ، އެހީތެރިވެދޭ ފަރާތްތަކާމެދުވެސް ޤާނޫނީ ގޮތުން އެންމެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ވަނީ ދީފައެވެ.





