މެދުއިރުމަތީގެ ހަނގުރާމައާއި ބައިނަލްއަޤްވާމީ ދަތުރުފަތުރަށް ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން އަހަރުގެ ކުރީކޮޅު ފަތުރުވެރިން އައި މިންވާރު ދަށްވިނަމަވެސް، މުޅި އަހަރަށް ބަލާއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2025 ވަނަ އަހަރަށްވުރެ މަދުނުވާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަާމީނު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަމީނު ވިދާޅުވީ، އަހަރު ފެށުނުއިރު ސަރުކާރުގެ އަމާޒަކީ 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުން ކަމަށްވީ ނަމަވެސް، ފެބްރުއަރީ މަހުގެ ތެރޭގައި މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރުގެ މަގުތަކަށް ބަދަލުއައިސް، ތެލުގެ އަގު އުފުލުމާ ގުޅިގެން އެ އަމާޒަށް ވާސިލުވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ. ޚާއްޞަކޮށް އޭޝިއާއާއި އޫރޯޕުގެ މާކެޓުތަކުން އަންނަ ފްލައިޓުތަކަށް މީގެ ނޭދެވޭ އަސަރުކޮށް، މާޗް އަދި އޭޕްރީލް މަހުގެ ތެރޭގައި ފަތުރުވެރިން އައި މިންވަރު 24 އިންސައްތައަށް ދަށްވެގެން ދިޔައެވެ.
އެހެންނަމަވެސް، ހަނގުރާމަ ފެށުމާއެކު ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރެވުނު މަސައްކަތުން މިހާރު ވަނީ އެ ހީނަރުކަމުން އަރައިގަނެވިފައެވެ. މާކެޓިންގ އުކުޅުތަކަށް ބަދަލުގަނެ، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް އިތުރުކުރުމާއި އާ ރޫޓުތައް ހުޅުވާލުމުގެ ނަތީޖާއެއްގެ ގޮތުން، ކުރިން އޮތް 24 އިންސައްތައިގެ ދަށްވުން މިހާރު ވަނީ 2.6 އިންސައްތައަށް ކުޑަކުރެވިފައެވެ. އަދި ނިމިދިޔަ އޯގަސްޓު މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ކުރީ އަހަރުގެ އެ މުއްދަތަށްވުރެ އިތުރުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އަހަރުގެ ފަހު ކުއާޓާރއަށް ލިބެމުންދާ ބުކިންގްސްތަކާއި އިންޑަސްޓްރީގެ މާހިރުންގެ އަންދާސާ ތަކަށް ބަލާއިރު ކުރިއަށް އޮތީ ވަރަށް އުންމީދީ ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން، ސަރުކާރުން ކުރަމުންދާ ރޭވުންތެރި މަސައްކަތްތަކާއެކު، މުޅި އަހަރު ނިމޭއިރު ރާއްޖެއަށް ޒިޔާރަތްކުރާ މުޅި ފަތުރުވެރިންގެ އަދަދު ނިމިދިޔަ 2025 ވަނަ އަހަރަށްވުރެ ދަށްނުވެ، އެއްވަރެއްގައި ހިފެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބިއޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.





