އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ އޮކްޓޫބަރު މަހުގެ 1 އިން 3 އަށް މާލެ ސިޓީ ހޯލްގައި ބޭއްވުމަށް ނިންމައި ފަސްކޮށްފިއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސެނެޓް މެމްބަރު ހުސެއިން ޝިފާޒް ވިދާޅުވީ، ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ މި ކޮންގްރެސްގެ އެންމެ ބޮޑު ބޭނުމަކީ ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނައުން ކަމަށެވެ. އަދި ކޮންގްރެސްގައި ބައިވެރިވާނެ ފުލް ޑެލިގޭޝަނާއި މަންދޫބުންގެ ތަފްސީލު ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އާންމުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝިފާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކަންދެއްވާ "ރަށްވެހި އުފެއްދުން" ޝިއާރުގެ ދަށުން، ރައްޔިތުންނާއި ޕާޓީގެ އާމްދަނީ ދެގުނަ ކުރުމަކީ މި ކޮންގްރެސްގެ މުހިންމު އަމާޒެކެވެ.
މި ގޮތުން، ރާއްޖޭގެ ކައުންސިލްތަކާ، ހާއްސަކޮށް އެމްޑީޕީގެ ކައުންސިލްތަކާ މަޝްވަރާކޮށްގެން ކޮންގްރެސްގެ ސެޝަނެއް "އިންވެސްޓް ފޯރަމް" ގެ ނަމުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމްގެ ބޭނުމަކީ ރަށްރަށުގައި ހިންގަން ބޭނުންވާ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދައިދިނުން ކަމަށްވާއިރު، މިހާތަނަށް ކައުންސިލްތަކުން 77 ޕްރޮޖެކްޓެއް ހުށަހަޅާފައިވާ ކަމަށާއި ކޮންގްރެސް ފެށޭއިރު 100 އަށްވުރެ ގިނަ ޕްރޮޖެކްޓް ހިއްސާކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.





