ވިޔަފާރިތަކުގެ ކަންބޮޑުވުންތަކަށް އިގުތިސާދީ ވުޒާރާއިން ހާއްސަ ޕޯޓަލްއެއް

ދިވެހިރާއްޖޭގައި ހިންގާ ތަފާތު އެކި ކަންކޮޅުތަކުގެ ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކާއި ކަންބޮޑުވުންތައް އަދި ހިޔާލުތައް ފަސޭހަކަމާއެކު ސަރުކާރަށް ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން "ބިޒްނަސް ފެސިލިޓޭޝަން ޕޯޓަލް" ގެ ނަމުގައި ހާއްސަ އޮންލައިން ޕޯޓަލްއެއް ތައާރަފުކޮށްފިއެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، އިދާރާއަށް އަމަލީކޮށް ދިއުމުގެ ބަދަލުގައި ނުވަތަ އީމެއިލްއާއި ފޯނު ކޯލްތައް މެދުވެރިކޮށް މަސައްކަތް ކުރުމުގެ ބަދަލުގައި، މި ޕޯޓަލް މެދުވެރިކޮށް ވިޔަފާރިވެރިންނަށް ދިމާވާ މައްސަލަތައް ވަގުތުން ވަގުތަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

މި ޕޯޓަލް ފަރުމާކުރެވިފައިވަނީ ވިޔަފާރިތަކުން ހުށަހަޅާ މައްސަލަތައް ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެއީ ވިޔަފާރިއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ސިޔާސަތުތަކާ ގުޅޭ ކަންބޮޑުވުންތަކާއި  ސާފުކުރަން ބޭނުންވާ މައުލޫމާތުތަކުގެ ސުވާލުތައް އަދި ވިޔަފާރި މާހައުލު ރަނގަޅުކުރުމަށް ހުށަހަޅާ ހިޔާލުތަކެވެ.

މީގެއިތުރުން، ހުށަހަޅާ ކޮންމެ މައްސަލައަކަށް ހާއްސަ ރެފަރެންސް ނަންބަރެއް ލިބި، މައްސަލައިގެ މަރުހަލާތައް އޮންލައިންކޮށް މޮނީޓަރުކުރުމާއި، އެ މައްސަލަތަކަށް އަވަސް ހައްލު ހޯދައިދިނުމުގެ އިންތިޒާމުވެސް މި ޕޯޓަލް މެދުވެރިކޮށް ކުރިއަށްދާނެއެވެ.

އައު އެކައުންޓެއް ހަދަންނުޖެހި، ހަމައެކަނި އީމެއިލް ވެރިފިކޭޝަނަކުން ބޭނުންކުރެވޭ މި ޕޯޓަލްގެ މައިގަނޑު މަގުސަދަކީ އިދާރީ ހުރަސްތައް ނައްތާލައި، ވިޔަފާރިތަކަށް އަވަސް އަދި ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

މި ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެ ވުޒާރާގެ ރަސްމީ ވެބްސައިޓް⁠ މެދުވެރިކޮށް ޕޯޓަލްއަށް ވަދެވޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް