ޑަކާރު 2026: ޔޫތު އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ބޮޑު ޝަރަފު ތަޒްކިޔާ އާއި ލޫތަށް

ސެނެގޯލްގެ ވެރިރަށް ޑަކާރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ޔޫތު އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖޭގެ ގައުމީ ދިދަ އުފުލާ އެތުލީޓުންގެ ގޮތުގައި ތަޒްކިޔާ އަދި ލޫތު ހަމަޖައްސައި، އެ ކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

މި ދެ އެތުލީޓުންނަށް މި ޝަރަފުވެރި ފުރުސަތު ރަސްމީކޮށް އަރުވާފައިވަނީ މުބާރާތުގެ ކުރިން ދިދަ އުފުލާ ފަރާތްތައް އިއުލާނުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މުޅި އެފްރިކާ ބައްރުގައި ބޭއްވޭ ފުރަތަމަ އޮލިމްޕިކް ހަރަކާތުގެ ގޮތުގައި ތާރީޚުގެ ތެރެއަށް ވަދެގެންދާ މި މުބާރާތް ކުރިއަށް ދާނީ އޮކްޓޫބަރު މަހުގެ 31 އިން ނޮވެމްބަރު މަހުގެ 13 ގެ ނިޔަލަށެވެ.  

ބައިނަލްއަގުވާމީ ކުޅިވަރު މައިދާނެއްގައި އެތުލީޓަކަށް ލިބޭނެ އެންމެ ބޮޑު އެއް ޝަރަފުގެ ގޮތުގައި ފާހަގަކުރެވޭ މި ބޮޑު ޒިންމާގެ ދަށުން، ގޭމްސް ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ކުޅިވަރު ވަފުދު ސްޓޭޑިއަމަށް ވަދެގެންދާއިރު ގައުމީ ދިދަ ހިފައިގެން، ވަފުދުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާނީ ތަޒްކިޔާ އާއި ލޫތެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ އެންމެ މޮޅެތި ޒުވާން އެތުލީޓުން އޮލިމްޕިކް ދިދައިގެ ދަށުން ތަފާތު އެކި ކުޅިވަރުތަކުގައި ވާދަކުރާ މި މައިދާނުގައި، ރާއްޖެ ތަމްސީލުކޮށް ދިދަ އުފުލުމުގެ ފުރުސަތު ލިބުމަކީ މި ދެ އެތުލީޓުންގެ ކުޅިވަރު ހަޔާތުގައި ލިބުނު ވަރަށް ބޮޑު ރީތި ނަމަކާއި، ގައުމީ ތާރީޚުގައި ސޮއިކުރެވިގެންދިޔަ މުހިންމު ސަފުހާއެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް