ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ވަގުތުތަކުގައި އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.
އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އާންމު ގޮތެއްގައި ވައި ޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެދާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ފުރުސަތު އޮތުމާއެކު، އާންމު ރައްޔިތުން އެކަމަށް ދުރާލައި ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. އަދި ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ގޭބިސީތަކަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމާއި، މުދާތައް ރައްކާތެރި ތަންތަނަށް ބަދަލުކުރުމަށް ވެސް ވަނީ އެދިފައެވެ.





