ސިޔާސީ މައިދާނުގެ ގިނަ ދުވަހުގެ ތަޖުރިބާއަށް ބައްލަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދައިން ސިޔާސީ ޕާޓީއެއް ހިންގެވުމުގައި ކާމިޔާބު މަސައްކަތްޕުޅުތަކެއް ކުރެއްވި އެހެން ވެރިއަކު ފެނިވަޑައިގެންފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ކޮންގްރެސް ފޯރި" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ފާހަގަކުރެއްވީ، މާޒީގައި އޮތް ސިޔާސީ ސަގާފަތާ ހިލާފަށް، ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކުގައި ވަކި ބަޔަކު ހޮވުމަށް "ލިސްޓު" ނެރުމުގެ އުސޫލު މިހާރު އުވާލެވިފައިވާ ކަމަށެވެ. އަދި ޕާޓީގެ ކޮންމެ މެންބަރަކަށްވެސް އިންތިޚާބުތަކުގައި ވާދަކޮށް، މިނިވަންކަމާއެކު ކެމްޕޭން ކުރުމުގެ ފުރުސަތު ފުރިހަމައަށް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕީއެންސީއަށް އައިސްފައިވާ ހަލުވި ކުރިއެރުމަށް އަލިއަޅުއްވާލައްވަމުން، 17 ނޮވެމްބަރު 2023 ގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޕާޓީގައި ތިބީ އެންމެ 3،022 މެންބަރުން ކަމަށާއި، ނަމަވެސް މިއަދު އެ އަދަދު 77،000 އަށްވުރެ މައްޗަށް ޖެހިލާފައިވާކަން މަޖިލީހުގެ ރައީސް ހާމަކުރެއްވިއެވެ.
މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައިވެސް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ޕާޓީއަކުން ހޯދި އެންމެ ބޮޑު ކާމިޔާބީކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ކުރިއެރުމުގެ މައިގަނޑު ސިއްރަކީ ރައީސް މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ޕާޓީގެ އާންމު މެންބަރުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ އަޑު ގާތުން އައްސަވަމުންެންގެންދެވުން ކަމަށެވެ.
މީގެއިތުރުން، ޕާޓީގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ރަށްރަށުގެ ޖަގަހަތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވަމުން، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ރަށްރަށުގައި ޕީއެންސީގެ ޖަގަހަތައް ގާއިމުކުރެވިގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ކުރިއަށް އޮތް ސެޕްޓެމްބަރު 15 ގައި ފެށުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކޮންގްރެސްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ކޮންގްރެސްގެ ކުރިން ސެޕްޓެމްބަރު 14 ވަނަ ދުވަހު، ޕާޓީގެ އެކި ދާއިރާތަކުގެ އިސްވެރިންނާއި ކައުންސިލަރުންނާ ވަކިވަކިން ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު ވަގުތު ހަމަޖައްސަވާފައިވާ ކަމަށެވެ.
މިއިން ދައްކުވައިދެނީ ރައްޔިތުންނާ ގާތުން މަޝްވަރާކުރައްވައިގެން ކަންކަން ނިންމެވުމަށް ރައީސް ދެއްވާ ހާއްސަ އިސްކަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.





