ތަރައްޤީގެ މުހިންމު މަޝްރޫއުތަކަށް އަބޫދާބީ ފަންޑުން އެހީ ހޯދަން މަޝްވަރާކޮށްފި

ދިވެހިރާއްޖޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އާއެކު ދިވެހި ސަރުކާރުން މަޝްވަރާތައް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި އުމްރާނީ ތަރައްޤީއަށް މުހިންމު ދާއިރާތަކުން ކުރިއަށްގެންދަން ކަނޑައަޅާފައިވާ މަޝްރޫޢުތަކުގެ ތަފުސީލުތައް ވަނީ ހިއްސާކޮށްފައެވެ. އަދި އެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްމަންޓްތައް ކުރިއަށް ގެންދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.


އަބޫދާބީ ފަންޑަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގައި މީގެކުރިންވެސް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ އިތުބާރުހުރި ބައިވެރިއެކެވެ. އެގޮތުން ވައިގެ ބަނދަރުތައް ތަރައްޤީކުރުމާއި، އިޖުތިމާޢީ ބޯހިޔާވަހިކަމާއި، ޒަމާނީ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުގެ މުހިންމު މަޝްރޫޢުތަކަށް އެ ފަންޑުން ވަނީ ބޮޑެތި އެހީތަކެއް ދީފައެވެ.

މި މަޝްވަރާތަކުގެ ސަބަބުން ރާއްޖެއާއި އަބޫދާބީ ފަންޑާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. މީގެއިތުރުން ސަރުކާރުން އިސްކަންދޭ އިޤްތިޞާދީ މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހަމަޖެއްސުމަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް