ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

ހުޅުމާލެއިން 4 ލައްކައެއްހާ ރުފިޔާއަށް މީހަކަށް ގޯއްޗެއް ވިއްކަން ނިންމި ނިންމުމަކީ 23 އަހަރުވީ މައްސަލައެއްގެ ހައްލުގެ ގޮތުގައި ނިންމި ނިންމުމެއް ކަމަށާއި، އެ މުއާމަލާތުގައި އެއްވެސް ގޯހެއް އުޅޭތޯ ކަށަވަރުކުރުމަށް އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ފާހަގަކުރެއްވި ގޮތުގައި، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މިނިސްޓްރީގެ އިންޓާނަލް މެމޯއަކީ 2003 ޑިސެންބަރު 22 ގައި އޭރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓުން ހިންގި "ރަށުތެރެއިން ވިއްކާ 56 ގޯތި" ސްކީމުގެ ދަށުން ހުޅުމާލެ ފުރަތަމަ ފިޔަވަހިން ގޯތި ލިބުނު ފަރާތެއްގެ މައްސަލައާ ގުޅޭ ލިޔުމެކެވެ.

ރަސްމީ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި އެ ފަރާތަށް އޭރު ކަނޑައެޅިފައިވަނީ 904 އަކަފޫޓުގެ ބިމެއް ކަމަށާއި އޭގެ އަގަކީ 339،000 ރުފިޔާއެވެ. އެހެން ނަމަވެސް ވޭތުވެދިޔަ 23 އަހަރު ދުވަހުގެ ތެރޭގައި އެކި ސަރުކާރުތަކުގައި އެ ގޯތި ހަވާލުކޮށްދިނުމަށް އެދި ތަކުރާރުކޮށް ހުށަހެޅި ނަމަވެސް އެ މައްސަލައަށް ހައްލެއް ލިބިފައި ނުވާކަން އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން މި މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން ނިންމި ނިންމުމުގައި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ހިމެނޭތޯ ނުވަތަ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ހިނގާފައިވޭތޯ ބެލުމަށްޓަކައި މި މައްސަލަ މިހާރު ވަނީ އޭސީސީއަށް ހުށަހެޅުމަށް ހަމަޖެހިފައެވެ. އަދި ތަހުގީގަށް ފަހު އެ ކޮމިޝަނުން ނިންމާ ގޮތެއްގެ މަތިން އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް