ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ދޫކުރާ އެކަނިވެރި މައިންނާއި ބަފައިންގެ މާލީ އެހީގެ ޕްރޮގްރާމްގެ ދަށުން، ނިމިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އަލަށް 87 މީހަކު ރަޖިސްޓްރީކޮށްފިއެވެ. މިއީ އެކަނި ދަރިން ބަލަހައްޓަމުންދާ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ އިނާޔަތެކެވެ.
އެންސްޕާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އަލަށް ރަޖިސްޓްރީކުރި މީހުންނާއެކު އިތުރު 179 ކުއްޖަކަށް މި އެހީ ހަމަޖެހިގެން ގޮސްފައިވެއެވެ. މި އެހީއަކީ އެކަނިވެރި މައިންބަފައިންނަށް ކުދިން ބެލެހެއްޓުމުގައި ދިމާވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ފޯރުކޮށްދެވޭ އެހީތެރިކަމެކެވެ.
މި ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ދެނީ ދަށް އާމްދަނީއެއް ލިބޭ، އަދި ކައިވެނިކޮށްގެން ނޫޅޭ ފަރާތްތަކަށެވެ. މީގެ އިތުރުން، އެހީ ލިބޭ ކުދިންނަކީ ސްކޫލަށްދާ އުމުރުގެ ކުދިން ކަމުގައި ވާނަމަ ގަވާއިދުން ސްކޫލަށްދާ އަދި ވެކްސިން ފުރިހަމަކޮށްފައިވާ ކުދިން ކަމުގައި ވުމަކީވެސް އެހީ ލިބުމުގެ މުހިންމު ޝަރުތެކެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި ވަރިވެފައިވާ ފަރާތްތަކަށް މި އެހީއަށް އެދި ހުށަހެޅޭނީ ވަރިވިތާ ތިން މަސްދުވަސް ފަހުންނެވެ. ނަމަވެސް، ހުވަފަތްވެފައިވާ ފަރާތްތަކަށް އެފަދަ މުއްދަތެއް ފުރިހަމަކުރާކަށް ނުޖެހެއެވެ. އަދި އެހީ ލިބޭ ކުދިންނަކީ ދައުލަތުން ދޭ ނުކުޅެދުންތެރިކަމުގެ އެލަވަންސް ލިބޭ ކުދިން ކަމުގައި ވެގެން ނުވާނެ ކަމަށްވެސް އެންސްޕާގެ އުސޫލުގައި ފާހަގަކޮށްފައިވެއެވެ.





