މާލޭގެ މަޖީދީމަގުގައި އޮންނަ ހީނާމާގޭ ޕާކިން ޒޯނާއި ސޯސަންމަގުގައި ހުންނަ ސޯސަންގޭ ޕާކިން ޒޯން އޮތް ބިމުގައި ޒަމާނީ ޕާކިން އިމާރާތްތައް އެޅުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ރަސްމީކޮށް ބަޔަކާ ހަވާލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ވެރިރަށް މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، އެ ދެ ބިމުގައި މަލްޓި ސްޓޯރީ ޕާކިން ބިލްޑިންގތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހުރިހާ ތައްޔާރީތަކެއް މިހާރު ދަނީ ކުރެވެމުންނެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި އިމާރާތްތައް ތަރައްޤީކުރެވިގެން ދިއުމުން މާލޭގެ މަގުތަކުގެ ތޮއްޖެހުން ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި ގިނަ ޢަދަދެއްގެ ހަތަރު ފުރޮޅުލީ އުޅަނދުފަހަރާއި ސައިކަލުތަކަށް ރައްކާތެރިކަމާއެކު ޕާކުކުރެވޭނެ އިންތިޒާމު މި ޢިމާރާތްތަކުން ހަމަޖެހިގެންދާނެ ކަމަށްވެސް ފާހަގަކުރެއެވެ.

މާލޭގެ އެކި ސަރަޙައްދުތަކުގައި ޕާކިން އިމާރާތްތައް އެޅުމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު ސިޔާސަތެކެވެ. މީގެ އިތުރުން މާލޭގެ މަގުތައް ހުސްކޮށް، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް މިފަދަ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް