ޗާގޮސް

ޗާގޯސް ޖަޒީރާގެ ސިޔާދަތީ މިލްކުވެރިކަމާ ގުޅޭ މައްސަލައަކީ ދިވެހިރާއްޖެއާ މަޝްވަރާކުރަން ޖެހޭ މައްސަލައެއް ނޫން ކަމަށް އިނގިރޭސި ސަރުކާރުން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން މިކަން ފާހަގަކޮށްފައިވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މަރުހަލާގެ ތެރޭގައި ރާއްޖޭގެ މަސްލަހަތު ހިމެނޭތީ އެކަމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ފެށުމަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

އިނގިރޭސިވިލާތުގެ ޚާރިޖިއްޔާއިން ބަޔާންކޮށްފައިވާ ގޮތުގައި ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެކެވެ. އެ މައްސަލައިގެ ހައްލު ހޯދުމަށް ކުރިއަށްދާ މަޝްވަރާތަކުގައި ނުވަތަ އެ ސަރަހައްދުގެ ސިޔާދަތާ ގުޅޭ ނިންމުންތަކުގައި ރާއްޖެއަކީ ބައިވެރިއެއް ނޫން ކަމަށް އެ ގައުމުން ދެކެއެވެ. އެހެންކަމުން އެ މައްސަލައިގެ ސިޔާދަތީ ކަންކަމުގައި ވަކިން ރާއްޖެއާ މަޝްވަރާކުރަން ނުޖެހޭނެ ކަމަށް އިނގިރޭސި ފަރާތްތަކުން ގަބޫލުކުރެއެވެ.

ޗާގޯސް މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް، ދިވެހި ސަރުކާރުން ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވައިފައެވެ. އެ ސިޓީފުޅުގައި ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތަކުގެ އިތުރުން، އެ ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި މާނަހުރި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް ރާއްޖެއިން އިއުތިރާފު ނުވާކަން ވެސް ރަސްމީކޮށް ވަނީ އަންގައިފައެވެ.

ޗާގޯސްއަކީ ރާއްޖެއާ ޖިއޮގްރަފީ ގޮތުން އެންމެ ކައިރީގައި އޮތް ސަރަހައްދު ކަމަށް ވުމާއެކު، އެ ތަނުގެ މިލްކުވެރިކަމާ ގުޅޭ ކަންކަމުގައި ރާއްޖޭގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ ވިސްނުން ވެސް ދިވެހި ސަރުކާރުން ގެންގުޅެއެވެ. ނަމަވެސް އިނގިރޭސި ސަރުކާރުގެ ސްޓޭންޑަކީ އެ މައްސަލައިގެ ހައްލު ހޯދަން ޖެހޭނީ ހަމައެކަނި މޮރިޝަސްއާ އެކު ކުރެވޭ އެއްބަސްވުންތަކުގެ ތެރެއިން ކަމަށް ވާތީ ދެ ގައުމުގެ ދެމެދުގައި މި މައްސަލައިގައި ޚިޔާލުތަފާތުވުންތައް ވަނީ އުފެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް