ވެހިކަލްތަކުން ލިބޭ ފީތައް ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޚާއްޞަކުރަނީ

މާލެ ސަރަހައްދުގެ ޓްރެފިކާއި ޕާކިންގް މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ވެހިކަލްތަކާ ގުޅިގެން ނަގާ ފީތަކުން ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއް ކުރިއަށް އޮތްތަނުގައި ބޭނުންކުރާނީ މަގުތަކުގެ މައްސަލަތައް ހައްލުކުރުމަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އަލަށް އުފެއްދި "ގްރޭޓާ މާލެ މޯބިލިޓީ އެންޑް ޓްރާންސްޕޯޓް އޮފީސް" މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 11 މައްސަލައެއް ހައްލުކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި މަގުތަކުގެ ފަރުމާ ބަދަލުކުރުމާއި، ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމާއި އަދި ޕާކިންގް މައްސަލައަށް ޒަމާނީ ހައްލުތައް ހޯދުން ހިމެނެއެވެ.

މި މަސައްކަތްތަކަށް ބޭނުންވާ ފައިސާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މާލެ ސަރަހައްދުން އެކަނިވެސް ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ފީއާއި އަހަރީ ފީގެ ގޮތުގައި އަހަރަކު 220 މިލިއަން ރުފިޔާ ލިބޭ ކަމަށެވެ. ނަމަވެސް މީގެ ކުރިން މި ފައިސާ ސިޓީ ކައުންސިލުން އެހެނިހެން ކަންކަމަށް ޚަރަދުކުރަމުންދިޔަ ކަމަށް ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ އާ ޤާނޫނުގެ ދަށުން މި ފައިސާ ހަމައެކަނި މަގުތަކުގެ ރައްކާތެރިކަމާއި ޓްރެފިކް މެނޭޖްކުރުމުގެ ކަންކަމަށް ޚާއްޞަކުރެވިގެންދާނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް