ވެހިކަލްތަކުގެ އުމުރު ކަނޑައަޅަން ފަށާނީ 3 އަހަރު ފަހުން: ވަޒީރު ސައީދު

ވެހިކަލްތަކުގެ އުމުރު ކަނޑައަޅަން ފަށާނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކަމަށާއި، އެކަން ސަރުކާރުން ކުރާނީ ރައްޔިތުންނަށް މާލީގޮތުންނާއި އެހެން ގޮތްގޮތުންވެސް ބުރައަކަށް ނުވާނެ ފަދަ މެދުމިނުގެ އުސޫލަކުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ބޭނުންކުރާ ވެހިކަލްގެ އުމުރަކަށް 15 އަހަރު ކަނޑައެޅުމަށް ރިޕޯޓުތަކުން ލަފާދީފައިވީ ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިލެއްވުމަކީ ރައްޔިތުންނަށް އެއްވެސް ތަކުލީފެއް ނުޖެހި، ލުއިގޮތްތަކަކަށް މިކަން އިންތިޒާމުކުރުން ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން އެއްވެސް ރައްޔިތެއްގެ ވެހިކަލެއް ކުއްލިއަކަށް އެއްލާލަން ޖެހިގެން ކަންބޮޑުވާން ނުޖެހޭނެކަމުގެ ފުރިހަމަ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

މާލޭގެ މަގުތަކަކީ ދުނިޔޭގެ ނިސްބަތުން އެންމެ ތޮއްޖެހިފައިވާ އަދި މީހުން ހިނގާބިނގާވެ އުޅެން އޮތީ އެންމެ 18 އިންސައްތަ ސަރަހައްދެއްކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ، މާލޭގެ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި ސިޔާސީ ކުލަ ނުޖައްވައި، ހުރިހާ ފަރާތްތަކަކުންވެސް އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް