މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މުޅި މާލެ އެއްކޮށް ރިއަލް ޓައިމްކޮށް ބަލަހައްޓައި މޮނިޓާ ކުރެވޭނެ ޒަމާނީ ޓްރެފިކް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އަލަށް ތަސްދީގުކުރެވުނު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނީ މި ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ބޭރުގެ އެހީ ހޯދައިގެން ނަމަވެސް، ވީއެންމެ އަވަހަކަށް މި ވަސީލަތް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ޤާނޫނުގެ ދަށުން މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން ހިންގުމަށް "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ނަމުގައި ޚާއްސަ އިދާރާއެއް އުފެއްދުމަށް ހަމަޖެހިފައިވާއިރު، މި ސަރަހައްދަކީ ވަކި އުސޫލުތަކެއްގެ މަތިން ވެހިކަލް ރަޖިސްޓްރީ ކުރުން ކޮންޓްރޯލް ކުރެވޭ ޒޯނަކަށް ބަދަލުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ ހުރިހާ މަގެއް އަލުން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފެށޭއިރު، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާނޫނުގެ ތެރެއިން ހަރުދަނާ ފިޔަވަޅުތަކާއި ބޮޑެތި ޖޫރިމަނާތައް ކަނޑައަޅާފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.





