އައިއީޓީސީ 2026 ޓްރެއިނިންގ ކޭމްޕް ތުލުސްދޫގައި ފަށައިފި

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައިއައިޔޫއެމް) އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގުޅިގެން ކުރިއަށްގެންދާ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އިކޮނޮމިކްސް ޓްރެއިނިންގ ކޭމްޕް (އައިއީޓީސީ 2026)" ރޭ ތުލުސްދޫގައި ފަށައިފިއެވެ.

މިއީ މި ކޭމްޕު ބާއްވާ 4 ވަނަ އަހަރު ކަމަށްވާއިރު، މި އަހަރުގެ ޝިޢާރަކީ "އެޑްވާންސިންގ އިސްލާމިކް އިކޮނޮމިކްސް ފޯ ގްލޯބަލް ސަސްޓެއިނަބިލިޓީ އެންޑް އިންކްލޫސިވް ޑިވެލޮޕްމަންޓް" އެވެ. ކޭމްޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރުގެ ނައިބު އަޙްމަދު ސާޢިދު މުޞްޠަފާއެވެ.

އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޭމްޕުގައި، ޒަކާތާއި ވަޤުފާއި އިސްލާމިކް ސޯޝަލް ފައިނޭންސް ފަދަ ވަސީލަތްތައް މެދުވެރިކޮށް، ކުރިއަރަމުން އަންނަ އަދި ނާޒުކު އިޤްތިޞާދުތަކުގައި ދެމެހެއްޓެނިވި ތަރައްޤީއާއި ޝާމިލު ކުރިއެރުން ހޯދޭނެ ގޮތްތަކާ މެދު ބައިވެރިން ދިރާސާކުރާނެއެވެ. އަދި ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ބިން ޤާސިމް ވިދާޅުވީ، ޤައުމެއްގެ ތަރައްޤީ، އިސްލާމީ އިޤްތިޞާދީ އަޚްލާޤީ އޮނިގަނޑެއްގެ ތެރެއިން ހިންގޭ ނިޒާމަކަށް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް