އިމިގްރޭޝަނުން ވަނީ ހުޅުމާލޭގެ ސެލޫންތަކާއި ސްޕާތައް ބަލައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރި 7 ބިދޭސީއަކު ހިފަހައްޓައިފައި

ހުޅުމާލޭގައި ހިންގާ ސެލޫންތަކާއި ސްޕާތައް ބަލައި ފާސްކުރުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ޤަވާޢިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 7 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މި އިންސްޕެކްޝަނަކީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ އަދި ވިޔަފާރިތަކުގައި މަސައްކަތްކުރާ ބިދޭސީން ހޯދައި، އެފަދަ ކަންކަން ހުއްޓުވުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. އެގޮތުން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ ސެލޫންތަކާއި ސްޕާތަކަށް ކަމާބެހޭ އޮފިސަރުން ވަދެ، އެ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ ވިސާއާއި ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.

މި އޮޕަރޭޝަނުގައި އަތުލައިގަތް 7 ބިދޭސީންނަކީ ޞައްޙަ ވިސާއެއް ނެތި އަދި ވަޒީފާއާ ބެހޭ ޤަވާޢިދުތަކާ ޚިލާފަށް އެ ތަންތަނުގައި މަސައްކަތްކުރަމުންދިޔަ މީހުންނެވެ. އެ މީހުންނާމެދު އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި، ޤަވާޢިދާ ޚިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ވިޔަފާރިތަކާމެދުވެސް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ ޚާއްޞަ މަސައްކަތުގެ ދަށުން، މާލެއާއި ހުޅުމާލޭގެ އިތުރުން ރަށްރަށުގައި ހިންގާ ތަފާތު ވިޔަފާރިތައް ބަލައި ފާސްކުރުމުގެ މަސައްކަތް އަންނަނީ މެދުކެނޑުމެއް ނެތި ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް