ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

ހުޅުމާލެ ފޭސް ދޭކުން ނުއަގުގައި ބިމެއް ވިއްކި ކަމަށް ބުނެ މީސްމީޑިއާގައި ދައުރުކުރަމުން ދަނީ އިންސާފު ނުލިބި 23 އަހަރު ވެފައިވާ އުމުރުން ދުވަސްވީ މީހަކާ ގުޅޭ ލިޔެކިޔުންތަކެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ހާމަކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ހައުސިން މިނިސްޓްރީގެ އޮފީސް މެމޯއެއްގައިވާ ގޮތުން ހުޅުމާލެއިން 1،250 އަކަފޫޓުގެ ބިމެއް، އަކަފޫޓަކަށް 375 ރުފިޔާގެ ރޭޓުން ވަނީ ވިއްކައިފައެވެ. އެ ބިމުގެ ޖުމްލަ އަގަކީ 468،750 ރުފިޔާއެވެ. އަދި އެޑްވާންސަށް 50،000 ރުފިޔާ ދެއްކުމަށް ފަހު، ބާކީ ފައިސާ ފަސް އަހަރު ދުވަހުގެ ތެރޭގައި ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

އެ މެމޯ އާންމުވުމާ ގުޅިގެން ސަރުކާރަށާއި ބިން ލިބުނު ފަރާތަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފައިސާ ދެއްކުމާ ގުޅޭ އޮފީސް މެމޯއެއް ދައުރުކޮށް އޭގެ މާނަ އެންމެ ގޯސް ގޮތުގައި ކުރަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅުވައިގެން ކުށެއް ނެތް މުވައްޒަފެއްގެ އިތުރުން، އިންސާފު ހޯދުމަށް ވަކާލާތުކުރާތާ 23 އަހަރު ހޭދަކޮށްފައިވާ އުމުރުން ދުވަސްވީ މީހަކަށް ވެސް ގެއްލުންވަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތަފުސީލުތައް ހާމަކުރައްވަމުން މިނިސްޓްރީން ބުނެފައިވަނީ، މިއީ ކުރީގެ ސަރުކާރުތަކުން ފެށިގެން ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ މައްސަލައަކަށް އިންސާފު ހޯދައިދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް