ސައިކަލެއްގައި އަޅުވާފައި އޮތް ހެލްމެޓެއް ވަގަށް ނެގި މައްސަލައެއްގައި ހޯދަން އިއުލާނުކުރި މީހާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ، އެ ހެލްމެޓު ފުލުހުންނާ ހަވާލުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތުހުމަތުކުރެވޭ މީހުން ހޯދުމަށްޓަކައި ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ ޖީއެން މަރުކާގެ ސައިކަލެއްގައި ދިޔަ ދެ ޒުވާނުންގެ ތެރެއިން ފަހަތުގައި އިން މީހާ، ޕާކިން ޒޯނެއްގައި ހުރި ސައިކަލެއްގެ ހުންގާނުގައި އަޅުވާފައި އޮތް ހެލްމެޓެއް ނަގައިގެން ދާ މަންޒަރެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި، ވީޑިއޯ އާންމުކޮށް ހޯދަން އިއުލާނުކުރުމާ ގުޅިގެން އެ މައްސަލައިގައި ހިމެނޭ މީހާ ވަނީ އަމިއްލައަށް ފުލުހުންގެ މަރުކަޒަށް ހާޒިރުވެ، ވަގަށް ނެގި ހެލްމެޓު ހަވާލުކޮށްފައެވެ. މި ކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، މަގުމަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުފަހަރުގައި ހުންނަ ތަކެތި ރައްކާތެރިކުރުމަށް ސަމާލުވުމަށް ވެސް ފުލުހުން އަބަދުވެސް އިލްތިމާސްކުރެއެވެ.





