ގެދޮރު އިމާރާތްކުރުމަށް ބޭންކުތަކުން ލޯނު ނެގުމަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ބައެއް ސަރުކާރުން ހިލޭ ދޫކުރާ އިކުއިޓީ ފައިނޭންސް ލޯނު ސްކީމެއް މިއަހަރުގެ ފަހުކޮޅު ހުޅުވާލަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާންކުރައްވާފައެވެ.
އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ފޯރުކޮށްދޭ ފައިސާއެއް ކަމަށެވެ.
މި ސްކީމުގެ ދަށުން ސަރުކާރުން ދޫކުރުމަށް ހަމަޖެހިފައިވަނީ އިކުއިޓީގެ ފަސް އިންސައްތައަށްވާ ފައިސާއެވެ. މީގެކުރިން ހައުސިން ލޯނުތަކުގެ އިކުއިޓީއަކީ ދިހައެއް އިންސައްތަ ކަމަށްވީ ނަމަވެސް، ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ވަނީ އެ އަދަދު ފަސް އިންސައްތައަށް ކުޑަކޮށްފައެވެ. އާއިލާގެ އެންމެން އެކުވެގެން އިކުއިޓީ ހަމަކުރުމަށް މަސައްކަތްކުރާއިރު ސަރުކާރުން ފޯރުކޮށްދޭ ބައި އަނބުރާ ދައްކަން ނުޖެހުމަކީ އާންމުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
މި ސްކީމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރައްވާނީ ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ސަރުކާރުން ފަހިކޮށްދޭ މިފަދަ ފުރުސަތުތަކާއެކު ދެހާސް އަށާވިސް ވަނަ އަހަރުގެ މެދަކާ ހިސާބަށްދާއިރު ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.





