މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އާއެކު އެގްރީމެންޓްތަކެއް ބަދަލުކުރައްވަނީ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މިއީ އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އެކި ދާއިރާތަކުން ގުޅުން ފުޅާކުރުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ. މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ މި ޒިޔާރަތުގައި ދެ ޤައުމުގެ އިސް ވެރިންގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ދަނީ ވަރަށް ބޮޑަށް ކުރިއަރަމުންނެވެ. ޚާއްޞަކޮށް ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ޚިދުމަތްތައް ހޯދުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ދިވެހިން މެލޭޝިއާއަށް ދަތުރުކުރާއިރު، މި ދަތުރުފުޅުގެ ސަބަބުން މި ދާއިރާތަކުން އެއްބާރުލުން އިތުރުވެގެންދާނެއެވެ.

ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި، އެ ޤައުމުގެ ވެރިންނާ ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅުގައި ވެސް ދެ ޤައުމުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް