ޗާގޮސް

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ މަޝްވަރާތައް ފެއްޓެވުމަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު ދެއްވައިފިއެވެ.

ދެ ޤައުމުގެ ދެމެދުގައި މިފަދަ މަޝްވަރާތަކެއް ފެށުމަށް ހުށަހަޅާފައިވަނީ ފޯޅަވަހީގެ ސިޔާދަތީ ބާރާ މެދު އުފެދިފައިވާ މައްސަލައިގައި ދިވެހިރާއްޖޭގެ މަޞްލަޙަތުތައް ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. މި މައްސަލައިގައި ދިވެހިރާއްޖެއިން ދެކޭގޮތް ރަސްމީ ސިފައެއްގައި ހިއްސާކޮށް، ދެފަރާތުން ގުޅިގެން ވާހަކަދެއްކުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.

މި މަޝްވަރާތަކުގެ ތެރެއިން ސަރަޙައްދީ އިމާއި ސިޔާދަތީ ހައްޤުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއަށް ލިބިދޭ ގާނޫނީ އަދި ތާރީޚީ ހައްޤުތަކުގެ މައްޗަށް ބިނާކޮށް ވާހަކަދެއްކުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި މި މައްސަލައާ ގުޅިގެން ނިންމާ ނިންމުންތަކުގައި ރާއްޖޭގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމުގެ މުހިންމުކަންވެސް މި ދަޢުވަތުގައި ހިމެނެއެވެ.

ދިވެހިރާއްޖޭގެ ސަރަހައްދީ ފުރިހަމަކަމާއި ކަނޑުގެ ސަރަހައްދުގެ ސިޔާދަތު ދެމެހެއްޓުމަށްޓަކައި ބޭރުގެ ފަރާތްތަކާއެކު ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން ކުރިއަށްދާން ސަރުކާރުން ދަނީ އިސްކަންދެމުންނެވެ. އެގޮތުން އިނގިރޭސި ސަރުކާރާއެކު ބޭއްވޭ މިފަދަ މަތީ ފަންތީގެ މަޝްވަރާތަކުގެ ސަބަބުން މި މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް