އެސްއޯއީތައް އިސްލާހުކުރުމަކީ މުހިންމު ފިޔަވަޅެއް: ފަހުމީ

ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިސްލާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަކީ ދައުލަތުގެ ޚިދުމަތުގެ ދާއިރާ މާލީ ގޮތުން ފުދުންތެރި، އިސްރާފު ކުޑަ އަދި ޤައުމީ ތަރައްޤީއަށް އެންމެ ފައިދާހުރި ގޮތަކަށް ބައްޓަންކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ޕްލެޓފޯމް "އެކްސް" ގައި ހިއްސާކުރެއްވި ޚާއްޞަ ޕޯސްޓެއްގައި ފަހުމީ ފާހަގަކުރެއްވި ގޮތުގައި، މި ނިންމުންތަކުގެ ސަބަބުން މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ބަދަލުވެ، ދައުލަތުގެ ބަޖެޓުން ހިނގާ ބޭކާރު ޚަރަދުތައް ނައްތާލެވިގެންދާނެއެވެ. އަދި ކޯޕަރޭޓް ގަވަނަންސް ހަރުދަނާވެ، ޤައުމީ އިސްތިރާޖީ މިލްކުވެރިކަން ވަރުގަދަވުމާއެކު، ކުންފުނިތަކުގެ ޒިންމާދާރުކަމާއި ހަރުދަނާކަން އިތުރުވެ، ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމަ އަދި ހެޔޮއެދޭ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާނަހުރި، ދެމެހެއްޓެނިވި އިސްލާހީ ބަދަލުތަކެއް ގެނައުމަކީ އަބަދުވެސް އުނދަގޫ ނަމަވެސް ޤައުމުގެ މުސްތަޤުބަލަށްޓަކައި ކޮންމެހެން ނިންމަންޖެހޭ ސާފު މަޤްޞަދެއްގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޤައުމަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އިޢުލާނުކުރެއްވި މި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނިތަކުގެ މަސައްކަތްތަކާއި މުވައްޒަފުން އެމްޓީސީސީ އާއި ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، އެގްރޯނެޓް މިފްކޯގެ ދަށަށް ބަދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ބަދަލުތަކާއެކު ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ، ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް