14 ބިދޭސީން ފާސްކޮށް، 2 މީހަކު އިމިގްރޭޝަން ބެލުމުގެ ދަށަށް

މާލޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންނާއި، ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަންގެ ޓާސްކްފޯސްއިން ހިންގާ ޚާއްޞަ އޮޕަރޭޝަންތައް ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

އެގޮތުން، މާލޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދާ ކެފޭތަކަށް އަމާޒުކޮށް އިއްޔެ ކުރިއަށް ގެންދިޔަ މި ޚާއްޞަ ރެއިޑް އޮޕަރޭޝަނުގައި، މާލޭގެ ފަސް ކެފޭއެއް ވަނީ ބަލައިފާސްކޮށްފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ މި އޮޕަރޭޝަންގެ ތެރެއިން އެ ތަންތަނުގައި މަސައްކަތްކުރަމުންދިޔަ 14 ބިދޭސީއަކު ޗެކްކޮށް، އެ މީހުންގެ ލިޔެކިޔުންތައް ބަލައި މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އަދި މި ޗެކްކުރުންތަކުގެ ތެރެއިން، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު ފާހަގަވެފައިވާތީ އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ މިހާރު ސަރުކާރުން އެންމެ އިސްކަމެއްދީގެން ހައްލުކުރަމުން އަންނ‍ާ މައްސަލައަކަށްވާތީ، މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައިވެސް އިމިގްރޭޝަނުން ވަނީ މިފަދަ އެތައް އޮޕަރޭޝަންތަކެއް ހިންގާފައެވެ. މިގޮތުން ހިންގާ އޮޕަރޭޝަންތަކުގައި އަތުލައިގަނެވޭ މީހުން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރުމަށްފަހު، ޤާނޫނީ މަރުހަލާތައް ފުރިހަމަކޮށްގެން އެ މީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްތައް ވެސް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް